މާލޭގެ ކާރުބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު މިހާރަށްވުރެ އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަޙުމަދު މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ކޮމިޝަނަރު މިފަދައިން އިލްތިމާސްކުރެއްވީ މާލެއާއި ބްރިޖް ހައިވޭގައި ފުލުހުން މަސައްކަތްކުރާނެ ޕްލޭން އިފުތިތާހުކުރުމަށް އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ކޮމިޝަނަރު އިފުތިތާހުކޮށްދެއްވި ”ޓްރެފިކް އެންހޭންސްމެންޓް ޕްލޭން“ އަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު ވަނީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރު އިލްތިމާސްކުރެއްވީ މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމު ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށެވެ. މިއީ މަގުމަތީގެ ނިޒާމު ހަމަޖެއްސުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރުގެ އިލްތިމާސާ އެއްގޮތަށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ދީފައެވެ.



