އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަރުގަދަވުމާ ގުޅިގެން، ރޭ ނިއު ދިއްލީގައި އެއްވި އެތައް ހާސް ޒުވާނުން ބައިބައިކޮށްލުމަށް ފުލުހުން ކަރުނަގޭހާއި މުގުރުބުރި ބޭނުންކޮށްފިއެވެ.
ޖަންތަރު މަންތަރު މުޒާހަރާ ސަރަހައްދަށް 10،000އަށް ވުރެ ގިނަ މީހުން އެއްވެފައިވާއިރު، ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)ގެ ނަމުން ނަންދީފައިވާ ގްރޫޕުން ވަނީ ގާތްގަނޑަކަށް ދެ މިލިއަން ދަރިވަރުންނަށް އަސަރުކުރި އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި ކެމްޕޭން ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.
ދިއްލީ ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ޕްލާސްޓިކް ފުޅި އުކައި، ކެތްތެރިކަން ކުޑަވެގެން ފުލުހުންގެ ބައެއް އޮފިސަރުންނަށް އަނިޔާކޮށްފައެވެ.
”މިއަދަށް މިއީ 25 ދުވަސް. ފަންސަވީސް މަސްދުވަސް ނެގިޔަސް އެއީ މައްސަލައެއް ނޫން. ނަމަވެސް އަހަރެމެން މިތަނަކުން ގުޑައެއް ނުލާނަން،“ ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ އޭނާގެ ސަޕޯޓަރުންނަށް ވިދާޅުވި އެވެ.
މި މުޒާހަރާތަކަކީ 2014 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ޒުވާނުންގެ ފަރާތުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.
މީގެ ރައްދުގައި ސަރުކާރުން ވަނީ މުޒާހަރާގެ ލީޑަރުންނާ އެކު މަޝްވަރާތައް ފަށައި، އެ މީހުންގެ ކަންބޮޑުވުންތަކާ މެދު ވިސްނާނެ ކަމަށް ވައުދުވެ، އިމްތިހާނުތަކުގެ އިސްލާހުތަކާ ގުޅޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރުމަށް ހުށަހަޅާފައެވެ.
ނަމަވެސް، އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމަކީ ބަހުސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ މަޖުބޫރު ކަމެއް ކަމަށެވެ.




