ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯންގެ ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ހަފުތާތަކުގައި އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެކަން އެ ކުލަބުން ކަށަވަރުކޮށްދީފިއެވެ.
ބާސެލޯނާއިން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން 29 އަހަރުގެ ޑި ޔޯން ފީފާ ވޯލްޑް ކަޕް 2026 ނިންމާލުމަށްފަހު އެނބުރި ކުލަބާ ގުޅުނުއިރު އޭނާގެ ކަކުލުގެ ލިގަމެންޓް ވަނީ އިރައިގެން ގޮސްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ވޯލްޑް ކަޕުގެ މެޗުތަކުގައި ވެސް ޑި ޔޯން ކުޅެފައިވަނީ ކަކުލުގައި ވަރުގަދަ ބެންޑޭޖެއް އަޅައިގެންނެވެ.
ނެދަލެންޑްސްގެ ގައުމީ ޓީމު މި ފަހަރުގެ ވޯލްޑް ކަޕުން ކެޓީ ދެވަނަ ބުރުގައި މޮރޮކޯއާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ބަލިވުމާ ގުޅިގެންނެވެ. މި މުބާރާތަށްފަހު ލިބުނު އަނިޔާއާ ބެހޭގޮތުން ޑި ޔޯން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް މެސެޖެއް ދީފައެވެ.
”މި އަނިޔާއަކީ ފުރަތަމަ ހީކުރި ވަރަށް ވުރެ ސީރިއަސް އަނިޔާއެއް. ނަމަވެސް ނަސީބަކުން މި ވަގުތު އޮޕަރޭޝަނެއް ކުރާކަށް ނުޖެހޭ. މިހާރު ވިސްނުން ހުރީ އަވަހަށް ރަނގަޅުވެ އަލުން ކުޅުމަށް އެނބުރި އައުމަށް، ”ޑި ޔޯން ބުނެފައިވެއެވެ.
އެ ޓީމުގެ ޕްރި ސީޒަން މިއަދު ހަވީރު ފަށާއިރު، އާ ސީޒަނުގެ ފުރަތަމަ މެޗުގައި އަންނަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ އެލްޗޭއާ ދެކޮޅަށެވެ.




