ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކުރިއަށްގެންދާ ”ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ސާވޭ 2026“ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި މިއަދު ފަށައިފިއެވެ.
އެމްއެމްއޭއިން ބުނީ މި ސާވޭ ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ސާވޭގައި މައިގަނޑު ގޮތެއްގައި އެއްކުރާނީ ދަތުރުކުރި މަންޒިލްތަކާއި ދަތުރުގެ ބޭނުމާއި ޚަރަދުތައް ހަމަޖައްސާފައިވާ ގޮތުގެ އިތުރުން ވައިގެ ދަތުރުފަތުރަށާއި ދަތުރުގެ ތެރޭގައި ހިނގި އެހެނިހެން ޚަރަދުތަކާ ގުޅޭ މައުލޫމާތު ކަމަށް، އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މި ސާވޭގައި އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ޒާތީ މައުލޫމާތެއް އެއް ނުކުރާނެ ކަމަށާއި ސާވޭއިން އެއްކުރާ ހުރިހާ މައުލޫމާތެއް ބޭނުންކުރާނީ ހަމައެކަނި ތަފާސްހިސާބު އެކުލަވައިލުމުގެ ބޭނުމުގައި ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި ސާވޭގައި އެއްކުރާ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމަށް މަރުކަޒީ ބެންކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ސާވޭ ކުރިއަށްގެންދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާނެކަން ފާހަގަކޮށް، އެ މުއްދަތުގައި ރާއްޖެއަށް އެނބުރި އަންނަ ދިވެހީންގެ ސާވޭއަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.




