މިއަދު ދިވެހީންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން، ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން މިއަދު މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން މުހިންމު ކަމަށެވެ. އަދި މިއަދު ދިވެހީންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށާއި މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށާއި އަމިއްލަވަންތަކަމަށް އޮތް ފަހުރުވެރިކަން ދެމެހެއްޓުމަށާއި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން ކަމަށް ވެސް ވިދާޅުވިއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރާ ކަމަށާއި ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ އެ ޕޯސްޓުގައި ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވައި ރާއްޖޭގެ މިނިވަނންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވީ ބަތަލުންނަށް ހެޔޮދުއާ ވެސް ދަންނަވާފައެވެ.



