މިއަދު ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން ކަމަށާއި މިއީ ގުރުބާނީގެ ދުވަހެއް ކަމުގައި އާޓްސް އެންޑް ކަލްޗަރ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
”ސައްތައިން އޮނަވިހި ވިދާލީ، ފަސްދޮޅަސް ފަހަކާ ގުޅާލީ، ރަސްމުވީ ސައްބީސް ޖުލައީ. ތާރީޚުގެ ތެރެއިން އިއާދަވަމުން އައިސް، މިއަދު މިވަނީ 61 ވަނަ ފަހަރު އަޅުގަނޑުމެންނާ ބައްދަލުކޮށްފައި. މިއީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން. މިއީ ގުރުބާނީގެ ދުވަހެއް. މިއަދަކީ ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލްކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއް“ މިނިސްޓަރު ހީނާ ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގެ ކޯއްޓޭއަށް ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތާއި ރަސްމީ ޖަލްސާ ޒުވާނުންގެ މަރުކަޒުގައި ވަނީ މިއަދު ހެނދުނު ބާއްވާފައެވެ.
މީގެއިތުރުން މި ދުވަހުގެ މައިދާނީ ހަރަކާތް މިރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. އަދި މާލޭ ބޮޑެތި މަގުތަކުގައި ސިފައިންގެ އަސްކަރީ ހަރަކާތް ހިމެނޭ ޕެރޭޑް، އަދި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގެ ޕެރޭޑާއި ރޫޓްމާރޗްވެސް މިރޭ 8:30 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން މުޅިން އަލަށް ”މިނިވަން ރަން“ ނަމުގައި ދުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 27 ޖުލައި 2026 ގައި ހުޅުމާލޭގައެވެ.




