މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެ ތަންތަން ލިބޭ މީހުންނަށް ހަވާލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރުކާރެއްގެ ދައުރުގެ ތެރޭގައި މަޝްރޫއުތައް ނިންމައި ހައްގުވެރިންނާ ހަވާލުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، މާލެ ސަރަހައްދުން 7،800 ފްލެޓު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
މި ސްކީމްތަކަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހުގެ 15 އަށް ހަމަވެފައިވާއިރު، ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މި އަހަރު ނިމުމުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ރައީސް ތަކުރާރު ކުރެއްވިއެވެ. މިހާރުވެސް ބައެއް ފްލެޓްތަކުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ”ކަނޑުފަޅުން“ ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީން ދޫކުރި ހުރިހާ ގޯއްޗެއް ހަވާލުކޮށް ނިމިފައިވާ ކަމަށާއި، ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގުޅިފަޅުގެ ގޯތިތައް ހަވާލުކުރުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



