ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ހުރިހާ ޕާޓީއަކުން ޢަމަލު ކުރާނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން ދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން ބުނީ ޖުމްލަކޮށް ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ރަނގަޅަށް ދިޔަނަމަވެސް ޕާޓީތަކުން އެއް ހަމައެއްގައި އަމަލުކުރާނެ އުސޫލެއް މިވަގުތު ނެތް ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މާލީ އަހަރު ނިމުމާއެކު ލައިސެންސް އޮންނަ އޮޑިޓަރެއް މެދުވެރިކޮށް ތައްޔާރުކުރާ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. މި ބަޔާނަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީއެއްވިޔަސް ނުދޭ ޕާޓީއެއްވިޔަސް ހުށަހަޅަން ޖެހޭ ބަޔާނެއްކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، މިހާތަނަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މާލީ ބަޔާންތަކަށް ބަލާއިރު ޖުމްލަ ގޮތެއްގައި މާލީ ކަންކަން ޕާޓީތަކުން ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށެވެ. ނަމަވެސް ކުދި ކުދި މައްސަލަތައް ދިމާވާ ކަމަށާއި އެފަދަ ކަންކަމުގައި ޕާޓީތަކާއި ވާހަކަދައްކައި، ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅާ ޕާޓީ އަދި ޕާޓީގެ މާލީ ކަންކަމާއި ހަވާލުވެ ހުންނަ މީހާވެސް ޖޫރިމާނާ ކުރާ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
”އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދީގެ ބަލަން، ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ޕާޓީތަކަށް. ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ ކަމަށްވަންޏާ އެފައިސާ މެދު ޢަމަލުކުރި ގޮތެއް ރައްޔިތުންނަށް ސާފުވާންޖެހޭނެ. އަޅުގަނޑުމެން ބަލަން އޮޑިޓަރު އޮޑިޓް ކޮށްފައި އޮންނައިރު އެއްވެސް ކަހަލަ މައްސަލައެއް ފާހަގަކޮށްފައިވާނަމަ އެކަމެއް. އޮޑިޓަރު މި ބަލަނީ އިންޓަނޭޝަނަލް އޮޑިޓިން ސްޓޭންޑަޑަށް“ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް މިހާރަށް ވުރެ ބޮޑަށް ދެފުށްފެންނަ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ މާލީ ނިޒާމާއި އެއްގޮތަށް ކަމަށް ބަޔާންކޮށްފައި އޮންނަކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ. އަދި އޮޑިޓަރ ޖެނެރަލް ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ބަލަހައްޓާނެ ގޮތުގެ އުސޫލެއް ކަނޑައަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.



