ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަށްރަށުގައި ހިނގަމުންދާ އަސާސީ ގިނަ މަޝްރޫއުތައް ނިމި، ތަރައްގީގެ ތަސައްވުރުގެ ބޮޑު ބައެއް ހާސިލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތަސައްވުރެއް ހާމަކުރައްވައިފައެވެ. އެ ތަސައްވުރުގައިވާ ގޮތުން 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު، ރަށްރަށުގެ ގިނަ މަޝްރޫއުތަކެއް ހުންނާނީ ނިމިފައެވެ.
ރައީސް ވިދާޅުވި ގޮތުން ދެ އަހަރު ފަހުން މިނިވަން ދުވަސް އަންނައިރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުންނާނީ ނިމިފަ އެވެ. ކުނިކޮށި ގާއިމުކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކާއި ފިޓްނަސް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ހުންނާނީ ހަދާފައެވެ.
”…ކުޑަކުދިންގެ ޕާކުތައް ހެދިފައި. އޭޓީއެމްތައް ހެދިފައި. ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރެވިފައި. ލެބޯރެޓަރީ ހިމެނޭހެން، ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ވަރުގަދަކުރެވިފައި. ސްކޫލް އިންފްރާސްޓްރަކްޗާ އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ހިމެނޭގޮތަށް ވަރުގަދަކުރެވިފައި. ގުރްއާނާބެހޭ މަރުކަޒުތައް ގާއިމުކުރެވިފައި“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެ ލިސްޓު ކުރިއަށް ގެންދަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފުޓްސަލް ނުވަތަ ފުޓްބޯޅަ ދަނޑުތައް ގާއިމްކޮށް ކަރަންޓާއި ކޭބަލް އަދި ޖެންސެޓް ފަދަ ކަރަންޓާ ގުޅޭ ހުރިހާ ކަންކަން ހުރިހާ ރަށެއްގައި 2028 ވަނަ އަހަރުގެ މިނިވަންދުވަސް އަންނައިރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވޭނެ ކަމަށެވެ.



