މާލެ ކައިރީގައި އޮންނަ، ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް މިއަދު އައިސް ވިއްކަން ފަށާފައިވާ ކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި އާންމުކުރި ޕޯސްޓެއްގައެވެ. އެ ކުންފުނިން ބުނި ގޮތުގައި، ކަނޑުއޮތްގިރިން އައިސް ވިއްކަމުން އަންނަނީ ކިލޯއެއް 0.75 ރުފިޔާއަށެވެ. އަދި ޓަނެއްގެ އައިސް ވިއްކަނީ 750 ރުފިޔާއަށެވެ.
މިމަހުގެ 13 ވަނަ ދުވަހު ކަނޑުއޮތްގިރީގައި ހުޅުވި މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ހަމަ އެ ދުވަހު އެ ރަށުގައި ހިކިމަސް ކާރުހާނާއެއް ވެސް ވަނީ ހުޅުވާފައެވެ.
މިފްކޯއިން ފާހަގަކުރި ގޮތުގައި، ކަނޑުއޮތްގިރިން އައިސް ލިބެން ފެށުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.
ކަނޑުއޮތްގިރިން އައިސް ވިއްކަން ފަށާފައިވާއިރު، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ވަނީ މިމަހުގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށްފައެވެ.




