ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ހައްޔަރުކުރި އިންޑިއާ މީހެއްގެ ބަންދުގެ މުއްދަތަށް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ދިނެޝް ކުރާމު މުރުގޭސަންއެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދުޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގެ މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހުގައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގެ ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 18 ފުޅި އޭނާގެ އަތުން ވަނީ ފެނިފައެވެ.
މީގެ އިތުރުން، ތަހުގީގުގެ ތެރެއިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި އިތުރު 53 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގައި ޖުމްލަ 71 ފުޅި ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދީފައިވަނީ ތިން ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން، އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.




