މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އެރިއިރު، އޭގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން މުޅި އަހަރުގެ ނިސްބަތުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ މިކަންކަން މިޓިގޭޓްކޮށް ވާނެ ގެއްލުން މުޅި އަހަރުގެ ނިސްބަތުން ވީހާވެސް ކުޑަކުރަން. އެހެންމެ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިދިޔަ އަހަރަކީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރު. އެ އަހަރަށްވުރެ ދަށްނުވެ ނުވަތަ އެއަހަރުގެ އެރައިވަލް ފިގާ ދަށްނުވެ، ނުވަތަ އެއާ އެއްވަރު ނަންބާސްއިން ނިންމާލެވިއްޖެއްޔާމު އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އޭގެން އަންގައިދެނީ، ސަރުކާރަށް އިންޑަސްޓްރީއާއި ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ“ މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މީގެއިތުރުން، މިހާތަނަށް ކުރި މަސައްކަތްތަކަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ދަށްވަމުންދިޔަ ރޭޓު މިހާރު ވަރަށް ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރުގެ ބުކިންތަކަށާއި، ސިނާއަތުގެ މާހިރުންގެ އެސެސްމަންޓުތަކަށް ބަލާއިރު، މިދިޔަ އަހަރު ހާސިލުކުރި ޓާގެޓަށްވުރެ ދަށްނުވެ މިއަހަރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ.


