މިއަދުވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމުނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މާލާއި 15 މޭލާ ދެމެދުގައި ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވަމުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ރާޅުގެ އުސްމިން 2 – 5 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވެސް މެޓުން ލަފާ ކޮށްފައިވެއެވެ.
ކުރިއަށް އޮތް 2 ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.



