ރާއްޖޭގައި ފާމަސިސްޓުން އިތުރު ކުރުމަށް، ސަރުކާރުގެ ބޭސްކުންފުނި ސްޓޭޓް ފާމާއިން ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއެކު މުހިންމު މަޝްވަރާތަކެއްކޮށްފިއެވެ.
ސްޓޭޓްފާމާއިން މިއަދު ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމަށް އެ ކުންފުނިން ގިނަ އިއުލާނުތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ފާއިތުވި މަހުގައިވެސް އެ ކުންފުނިން 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފައިވާކަމަށް ބުންޏެވެ.
ނަމަވެސް އެ ދާއިރާގައި ތަމްރީން ލިބިފައި ތިބި ދިވެހިން މަދުކަން ފާހަގަވުމާއެކު، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭފުޅުންނާއި ބައްދަލުކޮށް، ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށާއި އެ ދާއިރާއިން ދަސްވެނިވެގެން ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް އެ ކުންފުނިން ފުރުސަތު ހުޅުވާލުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
މީގެ އިތުރުން، މިހާރު ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝަރ ކޯސް ހިންގުމަށް ވެސް ނިންމާފައިވާ ކަމަށާއި ދިވެހި ޒުވާނުންނަށް އަބަދުވެސް އެ ކުންފުނީގެ ދޮރުތައް ހުޅުވިފައި ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.



