އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ނުހައްގުން މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 30 އިންސައްތަ މަދުކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ފަލާހް ވިދާޅުވީ އެއީ އެއްވެސް ހެއްކެއް ނެތި ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އެ ގަރާރުގައި އެއްވެސް ވަރަކަށް ވަޒީފާއިން ނުހައްގުން ވަކިކުރި މީހެއްގެ ތަފްސީލެއް އިނގެން ނެތް ކަމަށެވެ.
އެމްޑީޕީން ކަންކުރާ އުސޫލުން އެހެން ސަރުކާރުތަކުން ވެސް އަމަލުކުރާނެ ކަމަށް ޕާޓީގެ ލީޑާޝިޕަށް ހީވެފައި އޮންނަ ކަމަށާއި އެމްޑީޕީން ދެ ވެރިކަމުގައި ވެސް ކަންކުރި ގޮތް މިހާރު ރައްޔިތުންނަށް ފެނި، އިތުރަށް އޮޅުވައިނުލެވޭނެ ކަމަށް މެންބަރު ފަލާޙް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ޕާޓީގެ އޮފީހުގައި މިހާރު ވެސް އެބަ އޮތް ސީދާ ލިސްޓު. އެމްޑީޕީން 2018އިން 2023އަށް ވެރިކަންކުރި އިރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައި ތިބި. ސަރުކާރު ކުންފުނިތަކުން 330 މީހުން. އެހެން ވަޒީފާތައް ވެސް ހިމެނޭ ގޮތަށް 421 މީހުން ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވޭ. އެމްޑީޕީން ގަރާރެއް ހުށަހެޅިއިރު 15 މީހުންތޯ 20 މީހުންތޯ ކިތައް މީހުންތޯ ވަކިކުރީ ވެސް ފެންނާކަށް ނެތް“ ފަލާހް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ޕާޓީގެ އެތައް މީހަކަށް އެއްވެސް އަގެއް ނުނަގާ ފަޅުތަކާއި ފަޅު ރަށްތައް ވެސް ދޫކުރި ކަމަށާއި އޭގެ ތެރޭގައި ގިނަ މީހުންނަކީ ލިބުނު ފަޅު ނުވަތަ ފަޅުރަށް ބަލައިލަން ދާން ދަތުރުކުރެވޭނެ ފެންވަރު ވެސް ނެތް މީހުން ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.




