މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދިއުމަށް ވެމްކޯއިން ނިންމާފައިވާ ނިންމުމާ ގުޅިގެން، އެ ސަރަހައްދުގެ ތިމާވެއްޓާއި ރައްޔިތުންގެ ސިއްހަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މިއަދުގެ މަޖިލީހަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އެވެ.
މިއަދު ހުށަހެޅި މި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ މިއަދުގެ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ވޯޓުންނެވެ. މި މައްސަލައާއި އެއްކޮޅަށް ވޯޓު ދީފައި ވަނީ އެންމެ ހަތް މެމްބަރުންނެވެ.
މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް، ކުނބުރުދޫގައި ގާއިމުކުރަން ފަށާފައިވާ ނުނިމި ހުރި ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ގެންދިއުމަށް ވެމްކޯއިން ކަނޑައަޅާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.
ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުނބުރުދޫގައި ގާއިމުކުރަމުންދާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މަސައްކަތް އެއްކޮށް ނިމި ކުނި މެނޭޖުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ތަނެއް ނޫނެވެ. އަދި ކުނި އެޅުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާއެއް ނެތުމުގެ ސަބަބުން، ކުނިތައް ސީދާ ބިމަށް އުކާލުމުން އުފެދޭ ވިހަ ފެން ނުވަތަ ’ލީޗޭޓް‘ ރައްކާތެރިކަމާއެކު ޖަމާކޮށް ނައްތާލެވޭނެ އެއްވެސް ނިޒާމެއް އެ ރަށުގައި ގާއިމުކުރެވިފައެއް ވެސް ނުވެއެވެ.
މީގެ އިތުރުން ކުނބުރުދުއަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ’ކަންޒު ކަހަނބު‘ އާލާވެ ދިރިއުޅޭ، ތިމާވެއްޓަށް ނުހަނު މުހިންމު މާހައުލެއް އޮތް ރަށެއްކަން ވަނީ މައްސަލައިގައި ފާހަގަކޮށްފައިއެވެ. އަދި ތިލަފުށިން ގެންދާ ވިހަ ކުނިތަކުގެ ސަބަބުން މި ނާޒުކު ދިރުންތަކުގެ މާހައުލު ތަޣައްޔަރުވެ، އެ ތަކެތި ނެތިދިއުމުގެ ބިރު އޮތްކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.




