މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.
މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އިތުރުވުމެކެވެ.
ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި، ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓް އަދި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. ދިރާގުގެ މާލީ ރިޕޯޓުގައިވާ ގޮތުން ދެވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 734 މިލިޔަން ރުފިޔާއަކީ ފުރަތަމަ ކުއާޓަރުގައި ލިބުނު 730 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %0.46އިތުރު އަދަދެކެވެ.
މޯބައިލް ޚިދުމަތްތަކުން ދެވަނަ ކުއާޓަރުގައި 394 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 404 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %2.47 ގެ ދަށްވުމެކެވެ. ނަމަވެސް، ފިކްސް ބްރޯޑްބޭންޑް ޚިދުމަތުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި ލިބުނު 302 މިލިޔަން ރުފިޔާގެ ބަދަލުގައި ދެވަނަ ކުއާޓަރުގައި ވަނީ 315 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ %4.3ގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ކުންފުނީގެ ސާފު ފައިދާއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 249 މިލިޔަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 256 މިލިޔަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.
ހަމައެއާއެކު، ޓެކުހަށް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާވެސް ވަނީ ދަށްވެފައެވެ. ދިރާގުގެ ކުއާޓަރލީ ރިޕޯޓުން ދައްކާގޮތުގައި، ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 214 މިލިޔަން ރުފިޔާއެވެ.
މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 220 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.




