ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ހުރިހާ ހިދުމަތެއް ހުޅުމާލެ އަށް ބަދަލުކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން އެ އިދާރާ ހިންގަމުން ގެންދާނީ ހުޅުމާލެ 1 ގައި ވެމްކޯ ހުޅުމާލެ އޮފީހާ ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.
އެ އެޖެންސީން ބުނި ގޮތުގައި މި ބަދަލާ އެކު، އެޗްޕީއޭ އިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް މެންްހަޓަން ބްރޭންޑް ހޮޓެލްސް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އެ އެޖެންސީގެ ކައުންޓަރުން ލިބޭނެއެވެ.
މީގެ ކުރިން އެޗްޕީއޭ ހިންގަމުން އައީ ހެލްތު މިނިސްޓްރީ ވެސް ހިންގާ ރޯޝަނީ ބިލްޑިންގްގައެވެ.
އެޗްޕީއޭގެ މަސައްކަތްތައް ބަދަލުކުރި މެންހަޓަން ބްރޭންޑް ހޮޓަލުގެ ފްލޯތައް ސަރުކާރުގެ އިތުރު އޮފީސްތަކަށް ދޭން ވެސް ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ހޮޓަލުގެ ގްރައުންޑް ފްލޯ ”މީޑިއާ ވިލެޖުގެ” ގޮތުގައި ހާއްސަ ކުރުމެވެ.
އެސްޓީއޯ އިން ހުޅުމާލޭގައި ހެދި މި ސިޓީ ހޮޓާ ހިންގުން އެޗްޑީސީއިން، ”ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް“ އާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް 3.5 ފްލޯ ސްޕޭސް ހާއްސަކޮށްފައިވެ އެވެ. އެތަނުގައި މީޑިއާ ވިލެޖުގެ އިތުރުން ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
މެންހަޓަން ގްރޭންޑް ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. މި ހޮޓަލަކީ ޔޫއޭއީގެ ”ޑީޕް ސީފުޑް ކޮމްޕެނީ“ ގެ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ އެކު އޮޕަރޭޓް ކުރާނެ ތަނެކެވެ.



