ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، އެ ކާޑު ބޭނުންކޮށްގެން މާލީ މުއާމަލާތުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް ”ނޭޝަން ޗެޓް“ ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ ’މޯލްޑިވްސް 2.0′ މަޝްރޫއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަންދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވިގޮތަށް 2028 ވަނަ އަހަރުގެ ޖުލައި މަހުގެ 26 އަންނަންވާއިރަށް މި މަޝްރޫއު ފުރިހަމަމިނުގައި ތަންފީޒު ކުރެވެމުންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ސިއްހީ ވުޒާރާއިން ހާމަކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، ރައްޔިތުންނަށް އެންމެ ބޮޑު ލުއިފަސޭހައެއް ލިބޭނެ އެއް ކަމަކީ ސްމާޓް އައިޑީ ކާޑުގެ ހިދުމަތެވެ.
”އަޅުގަނޑުމެންގެ އަތުގައި އޮންނަ އައި.ޑީ.ކާޑު، ފިޒިކަލް އައި.ޑީ.ކާޑެއް. އެހެންނަމަވެސް، އެ އައި.ޑީ.ކާޑުގެ ބާވަތް ބަދަލުވަނީ ޑިޖިޓަލައިޒްޑް ސްމާޓް އައި.ޑީ.ކާޑަކަށް ބަދަލުވަނީ. އެކަންވެސް އިރާދަކުރެއްވިއްޔާ، ތާވަލުކުރެވިފައި އޮތްގޮތަށް، ކުރިއަށް އޮތް އަހަރެއް، ދޮޅު އަހަރުގެ ތެރޭގައި ހާސިލުވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
މި ސްމާޓް އައިޑީ ކާޑަކީ އިނގިލީގެ ނިޝާނާއެކު ޗިޕެއް ވެސް ހިމެނޭހެން ފަރުމާކުރާނެ ކާޑެކެވެ. މި ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމާއި، އެކި ހިދުމަތްތައް ހޯދުމުގެ އިތުރުން އަމިއްލަ ރެކޯޑުތައް ބެލެހެއްޓުން ފަދަ ކަންކަން ކުރެވޭނެއެވެ. މި ކާޑުގެ އިތުރު ތަފްސީލުތައް ވަރަށް އަވަހަށް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލް އައިޑީ ކާޑު ހިމެނޭ ގޮތަށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ތަރައްގީކުރުމަށް ވޯލްޑް ބޭންކުން ވަނީ 2022 ވަނަ އަހަރުގެ ތެރޭގައި 10 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.




