މިފްކޯ މަސްފިހާރަތަކުން ހުކުރު ދުވަހުވެސް ޚިދުމަތްދޭ ގޮތަށް ނިންމައި ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
މިފްކޯއިން ބުނީ، އެކުންފުނީގެ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިއަދުން ފެށިގެން ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމައި، ވިޔަފާރިކުރާ ގަޑިތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލާއެކު ހުކުރު ދުވަސްތަކުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެއެވެ. އަދި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ހުޅުވާގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ޚިދުމަތް ދެމުން ދާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނިގޮތުގައި، މި ނިންމުން ނިންމާފައިވަނީ ހުކުރު ދުވަހަކީ ޢާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ޚާއްސަ ކެއުންތަކަށް ދިވެހިން ބޮޑު އިސްކަމެއްދޭ ދުވަހަކަށް ވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކަށް ޚާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ވެސް ވަނީ ރޭވިފައެވެ.
މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، ޚާއްސަކޮށް ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށް ވާތީ، މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން މި ބަދަލު ގެނެސްފައިވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދި ފަހުން އެރަށުގައި ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މި މަޝްރޫޢުތަކާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން މިހާރު ވަނީ އިތުރުވެފައެވެ.




