މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
މި ވިއްސާރައިގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށާއި ބައެއް އެހެން ރަށްރަށަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
އެންޑީއެމްއޭ އިން މައުލޫމާތު ދޭ ގޮތުގައި، ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމުގެ އިތުރުން، ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ވަނީ ގެއްލުންވެފައެވެ. މި ހާދިސާތަކާ ގުޅިގެން ޖުމްލަ ދެ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މި ހާދިސާތަކާ ގުޅިގެން އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން، އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކައުންސިލް މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އެންޑީއެމްއޭ އިން ފާހަގަކުރެއެވެ.
މީގެ އިތުރުން، އިއްޔެ ދ. ރިނބިދޫއަށާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާކަމުގެ ރިޕޯޓުތައް ވެސް ވަނީ ލިބިފައެވެ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް އުދައެރުމާ ގުޅިގެން، ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައެވެ. ލ. އިސްދޫގެ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރުކޮށްފައިވާކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކޮށް ގުގުރުން އެކަށީގެންވެއެވެ. ”މުޅި ރާއްޖެއަށް 13 މޭލާއި 30 މޭލު ބާރު މިނުގައި ވައިޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ“ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



