ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި އަތޮޅުތަކަށް މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ.
މެޓުން ބުނީ، ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ހއ، ހދ، ރ، ބ، ޅ، ނ، އަދި ށ. އަތޮޅަށްވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.
މުޅި ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
މެޓުން އިތުރަށް ބުނީ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.



