ކ. ގާފަރު ކައިރިއަށް އިއްޔެ ބަންޑުން ޖަހާލި ކޮޅުވެއްޓިއަކުން ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީން އާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތަކުން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ބޮޑު ބައެއް ބަލައި ނިމިފައިވާ ކަމަށެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި މި ކޮޅުވެއްޓި ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށް ދިޔައިރު އޭގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. ގެއްލިގެން ހޯދަމުން ދަނީ އޭގެ ތެރެއިން ދެ ބިދޭސީންނެވެ.
މި ހާދިސާ ހިނގިއިރު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮތީ މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވެސް އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ރާއްޖޭގެ ހުޅަނގުގައި ގިނަ އަދަދަކަށް ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެއާއެކު މިއަދާއި މާދަމާ ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެއެވެ.




