ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވާދަކުރައްވަން ނިންމަވައިފިއެވެ.
މި ދެ ބޭފުޅުންނަކީ ވެސް މިހާރު ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅުންނެވެ.
މި އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕީއެންސީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ރައީސާއި ނައިބު ރައީސުން އިންތިހާބު ކުރާނީ އެ ޕާޓީގެ މަތީ މަޖިލީހުންނެވެ. މި ވަގުތު ޕީއެންސީގައި ހަ ނައިބު ރައީސުން ތިއްބަވައެވެ.
އާ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އޭނާ ވާދަކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާ އެކު ކަމަށެވެ. ޕީއެންސީ އުފައްދައި ކުރު މުއްދަތެއްގެ ތެރޭގައި ހޯދި ކާމިޔާބީތަކުގައި ލީޑަޝިޕްގައި ދެމިހުންނެވިކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ”އަޅުގަނޑުގެ އަމާޒަކީ ރައީސްގެ ހިކުމަތްތެރި އަދި ހަރުދަނާ ލީޑަޝިޕްގެ ދަށުން ކޮންގްރެސް ޕާޓީ އިތުރަށް ކުރިއަރުވައި، ޕާޓީއަށް ލިބިފައިވާ ކާމިޔާބުތައް ދަމަހައްޓައި، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އެންމެ އާރުލާ އެންމެ ހިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ކޮންގްރެސް ޕާޓީ އަބަދުވެސް ބޭއްވުން“ ކަމަށެވެ.
މެންބަރު ޝުޖާއު ވިދާޅުވި ގޮތުގައި އޭނާ އެ މަގާމުގައި ދެމިހުންނަވަން ޖެހެނީ، އޭނާއާ ނުލައި ޕީއެންސީގެ ލީޑަޝިޕް ފުރިހަމަ ނުވާނެތީއެވެ. ޕާޓީ އިދިކޮޅުގައި އޮތްއިރު އެމްޑީޕީއާ ދެކޮޅަށް އިސްވެ ނުކުމެ، ވަރުބަލިކަމެއް ނެތި މަސައްކަތް ކުރެއްވިކަން ޝުޖާއު ފާހަގަކުރެއްވިއެވެ. ”މަގާމުގެ ދަހިވެތިކަމަށް ވުރެ ޕާޓީގެ މަސްލަހަތު އަބަދުވެސް އިސްކުރީތީ“ މަގާމަށް ވާދަކުރައްވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޕީއެންސީން މިހާތަނަށް ރަސްމީކޮށް މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައި، އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނެއް ނުކުރެއެވެ. ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިހާބުތައް ދާދި ފަހުން ވަނީ ބާއްވާފައެވެ.
ޕީއެންސީން ވަނީ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިހާބު 131 ދާއިރާއެއްގައި ބާއްވައި، 2,500 އަށް ވުރެ ގިނަ މަގާމުތަކަށް މީހުން އިންތިހާބު ކޮށްފައެވެ.



