މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ގިނަ ދުވަސްވީ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ ކައިވެނި ކުރުމަށްޓަކައި، އޭނާ އުފަންވި ޕޯޗުގަލްގެ މަކަރީރާ އައިލެންޑްގައި ކުލަގަދަ ރަސްމިއްޔާތެއް އަންނަ ހަފުތާގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މި ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ އަންނަ އޮގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހު މަކަރީރާގެ ފަންޗަލް ކެތީޑްރަލްގައެވެ.
ކައިވެންޏަށްފަހު އޮންނަ އުފާފާޅުކުރުމުގެ ހަފުލާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުގައި ހުންނަ ފަސް ތަރީގެ ސެވޯއީ ޕެލެސް ހޮޓަލުގައެވެ. މި ހަފުލާއަށްޓަކައި އެ ހޮޓަލުގެ ދެ ފްލޯއަކާއި ބައެއް ބާތައް މިހާރު ރިޒާވްކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ނަމަވެސް، ރޮނާލްޑޯ ނުވަތަ ޖޯޖީނާގެ ފަރާތުން މި ތާރީޚާއި ތަނާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ، ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް އުފަން ރަށް މަކަރީރާ އިޚްތިޔާރު ކުރުމަކީ އޭނާއަށް ނުހަނު އަސަރުގަދަ ކަމެކެވެ. ރޮނާލްޑޯއަކީ ފަންޗަލްއަށް އުފަން، އެ ރަށުގައި އޭނާގެ ޅަ އުމުރުގެ ދުވަސްތައް ހޭދަކުރި ކުޅުންތެރިއެކެވެ. އޭނާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ދަތުރު ފެށީވެސް މި ރަށުންނެވެ. ރޮނާލްޑޯއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން މަކަރީރާގެ އެއާޕޯޓަށް ”ކްރިސްޓިއާނޯ ރޮނާލްޑޯ އިންޓަނޭޝަނަލް އެއާޕޯޓް“ ގެ ނަމުން ނަން ދީފައިވާއިރު، އެ ރަށުގައި އޭނާގެ ކެރިއަރަށް ޚާއްޞަ ”ސީއާރްސެވަން“ މިއުޒިއަމެއްވެސް ހުރެއެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ ބައްދަލުވީ 2016 ވަނަ އަހަރު މެޑްރިޑްގެ ގޫޗީ ސްޓޯރަކުންނެވެ. އޭގެ ފަހުން އެ ދެމީހުންގެ ޖޯޑަކީ ފުޓްބޯޅަ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑެވެ.
މިދިޔަ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ޖޯޖީނާ ވަނީ އޭނާގެ އެންގޭޖްމަންޓް ރިންގު ސޯޝަލް މީޑިއާގައި ދައްކާލައި، އެންގޭޖްވިކަން ކަށަވަރުކޮށްދީފައެވެ.




