ނިމިދިޔަ ޖުލައި މަހު މަސްވެރިން ކިރުވި މަހަށް 49.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ހާމަކޮށްފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 822 އުޅަނދަކަށް 49,759,961 (ސާޅީސް ނުވަ މިލިއަން ހަތް ލައްކަ ފަންސާސް ނުވަ ހާސް ނުވަ ސަތޭކަ ފަސްދޮޅަށް އެއް ރުފިޔާ) ވަނީ މިދިޔަ މަހު ދޫކޮށްފައެވެ.
މިފްކޯއިން ބުނީ، މިދިޔަ މަހު ޖުމްލަ 2,474.8 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ.
މިދިޔަ މަހު ކިރުވި މަހުގެ ތަފްސީލަށް ބަލާއިރު، 2,400.4 ޓަނުގެ ކަޅު ބިލަމަސް ކިރުވާފައިވެއެވެ. މިއީ 539 ދޯނިން ކިރުވާފައިވާ މަހެވެ. މި މަހަށްވާ ފައިސާގެ ގޮތުގައި 47,959,840 (ސާޅީސް ހަތް މިލިއަން ނުވަ ލައްކަ ފަންސާސް ނުވަ ހާސް އަށް ސަތޭކަ ސާޅީސް ރުފިޔާ) ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މީގެ އިތުރުން، ބޮޑުކަންނެލި ކިރުވި އުޅަނދުތަކަށްވެސް ވަނީ ފައިސާ ދޫކޮށްފައެވެ. އެގޮތުން 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 98 ދޯންޏަކަށް 234,100 ރުފިޔާ ޖަމާކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 185 ދޯންޏަކަށް 1,566,021 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން މިހާރު އަންނަނީ އެ ވައުދާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް ލަސްނުކޮށް ފައިސާ ދޫކުރަމުންނެވެ.



