މަރާމާތުގެ މަސައްކަތަށް އަމީނީމަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދުގައި ދެމުންދާ ބަހުގެ ޚިދުމަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، އަމީނީމަގުގެ ސެގްމެންޓް 1 މަރާމާތުކުރުމަށްޓަކައި އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު މިރޭ 12:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބަދަލާ ގުޅިގެން އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ އެކި ރޫޓުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން، އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް-10 (އޯކިޑް ރޫޓް) ގެ ދަތުރުތައް ދެން ފަށާނީ އަދި ނިންމާނީވެސް ވެސްޓް ޕާކު ބަސް ސްޓޮޕަށެވެ. މި ބަދަލާއެކު، ސެގްމަންޓް 1 ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ރޫޓް-10 ގެ ބަސްތައް މަޑުނުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން، އަމީނީމަގު ސެގްމަންޓް 1 ގެ މަސައްކަތް ނިމެންދެން ރޫޓް-11 (އަމީނީމަގު ރޫޓް) ގެ ބަހުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑޭނެއެވެ. އަދި ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15 ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށް ކަމަށްވެސް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.



