މިދިޔަ އަހަރާ އަޅާބަލާއިރު މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަވެ، 21.4 މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް ޒަކާތު ހައުސް އިން އިއްޔެ ބުނެފިއެވެ.
ޒަކާތު ހައުސް އިން ބުނީ މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޖޫން ލިބުނީ 10.6 މިލިއަން ރުފިޔާއެވެ.
ޒަކާތު ހައުސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދާ ބަލާއިރު 28.7 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 26.7 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މުދަލު ޒަކާތުގެ ގޮތުގައި 79.73 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލިބުނީ 61.6 މިލިއަން ރުފިޔާއެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި މި އަހަރުގެ ޖޫން މަހު އެ އިދާރާ އިން ވަނީ ޒަކާތުގެ ބެހެނިވެރިންގެ އެކި ދާއިރާތަކަށް 18.8 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާ އަށް ކަމަށާއި އެ ދާއިރާ އަށް 16.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.




