އަތް އުފުލައިގެން ވޯޓުލުމަކީ ޕީއެންސީގެ އަސާސީ ގަވާއިދުގައި ކުރިއްސުރެ ހިމަނާފައިވާ އުސޫލެއް ކަމަށާއި އަންނަ މަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް އަށް ހާއްސަކޮށް ވަކި ހާއްސަ އުސޫލެއް ހަދާފައި ނުވާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީން ރޭގައި ބުނެފިއެވެ.
ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، އަންނަ މަހުގެ 15-18 އަށް ބާއްވާ ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލާން އެ ޕާޓީގެ ވަކި ކޮމިޓީއަކުން ފާސްކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދައްކާ ވާހަކަތަކަށް ދިން ރައްދެއްގައެވެ.
ޕީއެންސީން ބުނީ، އެ ޕާޓީގެ ކޮންގްރެސް ނުވަތަ ”މަތީ މަޖިލިހުގެ“ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ގޮތް އަސާސީ ގަވާއިދުގެ ޗެޕްޓަރު ހަތެއްގައި ތަފުސީލްކޮށް ބަޔާކޮށްފައިވާނެ ކަަމަށެވެ.
”ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޕާޓީގެ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށް. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ މެމްބަރުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ނެގޭނީ ހާމަވޯޓެއް ކަމަށް“ ޕީއެންސީގެ ބަޔާނުގައިވެއެވެ.
އެ މާއްދާއާ ހަވާލާދީ، އެ ޕާޓީން ބުނީ ކޮންގްރެސްގައި ނައިބު ރައީސުންނާއި ކޮންގްރެސް އަށް މެމްބަރުން އިންތިހާބު ކުރުމަށް ހާމަ ވޯޓު ނެގުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް ނިންމީ ކޮންގްރެސްގެ ކަންކަން ވިލަރެސްކުރާ ކޮމިޓީން ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
”އެއީ ޕާޓީގެ އަސާސީ ގަވާއިދުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމެއް ކަން ފާހަގަކުރަމެވެ. މަތީމަޖިލީހުގައި ވޯޓު ނެގުމުގައި އަމަލު ކުރާނީ ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކުރާ ގޮތަށް، މިހާތަނަށް މި ޕާޓީގެ މަތީމަޖިލީހުގެ ބައްދަލުވުންތަކުގައި އަމަލުކުރަމުން އައިސްފައިވާ ގޮތަށެވެ،“ ޕީއެންސީން ބުންޏެވެ.




