މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އާސިފް ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އޭނާ ސިވިލް ކޯޓުގައި ދައުވާކުރި އެވެ. މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އާސިފު މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އޭނާ އެ މަގާމަށް އަލުން އައްޔަންކޮށް، މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރިއެވެ.
ނަމަވެސް، އެ ހުކުމާ އެއްގޮތަށް އަމަލުކުރުމުގެ ބަދަލުގައި ކަރެކްޝަނުން ވަނީ ހައި ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް ވެސް އެދުނެވެ.
ހައި ކޯޓުން އެ އަމުރު ނެރެދީ، އަންގާފައިވަނީ ހައި ކޯޓުގެ ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރަން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.


