މާލޭ ސިޓީ ކައުންސިލަށް ވެހިކަލްތަކުން އަހަރީ ފީގެ ގޮތުގައި އަހަރަކު ލިބޭ 150 މިލިއަނެއްހާ ރުފިޔާއިން އެ ކައުންސިލުން މަގުތައް މަރާމާތު ނުކުރާ ކަމަށާއި އެ ފައިސާ ކައުންސިލްގެ ބަޖެޓުން އުނިކުރުމަށް ފަހު ސަރުކާރަށް ލިބޭ ގޮތަަށް ހަދައިދިނުމަށް ހައުސިން މިނިސްޓަރު ޢަބްދުﷲ މުއްޠަލިބު މިއަދު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުއްޠަލިބު މިގޮަތަށް ގޮވާލެއްވީ މައްޗަންގޮޅި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒަމީރު ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުންނެވެ.
ޒަމީރު ވިދާޅުވީ ކައުންސިލްގެ ބަޖެޓު އެންމެ ފަހުން އިއުލާން ކުރިއިރު، މާލޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި 130-140 މިލިއަން ރުފިޔާގެ އާމްދަނީއެއް ކައުންސިލަށް ލިބޭކަން އެނގެން އެބައޮތް ކަމަށާއި އެ އަދަދަށް ފައިސާ ލިބުނު ނަމަވެސް މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ވިސްނުމެއް ކައުންސިލަކު ނެތް ކަމަށެވެ.
ހަމަ ގާ ނަގައި ގާ ފުރޮޅާ ތަން މި ފެންނަނީ. އެހެންވީމަ، ސަރުކާރުން މާލޭގެ މަގުތައް ހެދުމުގެ ވިސްނުންފުޅު ހުރީ ކިހިނެއްތޯ؟“ ޒަމީރު، މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ”ވަރަށް ރަނގަޅު ވާހަކައެއް“ ކަމަށާއި މާލެ/ހުޅުމާލެ ހިމެނޭހެން ގާތްގަނޑަކަށް 150 މިލިއަނެއްހާ ރުފިޔާ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ކަމަށެވެ. ނަމަވެސް ކައުންސިލުން މަގު މަރާމާތު ކުރުމަށް ކުރާ ކަމެއް ނެތް ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.
މީގެއިތުރުން، މަގުތައް އެކި ބޭނުންތަކަށް ކަނޑާއިރު، އެ ކަނޑަން ޖެހޭ ގޮތާއި އެ ތަންތަން އެއަށް ފަހު މަރާމާތު ކުރަން ޖެހޭ ގޮތް ހިމެނޭ ސްޓޭންޑާޑް ގައިޑްލައިނެއް ވެސް މިނިސްޓްރީން އެކުލަވާލައި ކައުންސިލަށް ފޮނުވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”150 މިލިއަން ރުފިޔާއަށް މަގު މަރަމާތުކުރުމަށް ތާރު ކައްކާފައި އެޅޭނެވަރުގެ ކެޕޭސިޓީއެއް ބިލްޑްނުކުރުމަކީ އަޅުގަނޑަށް ހީވަނީ ކައުންސިލްގެ ޒިންމާ އަދާ ނުކުރުމުގެ ގޮތުން ކުރާ ކަމެއްހެން. އެ ފައިސާ ދަނީ ކޮންތާކަށްތޯ ބަލަން އެބަޖެހޭ،“ މުއްޠަލިބު ވިދާޅުވިއެވެ.



