ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ޔުނިޓު ގާއިމުކުރުމަށް ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗަށް ބިމެއް ދީފިއެވެ.
މިކަމާ ގުޅޭގޮތުން އޮންލައިން ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ، ޔުނިޓު ގާއިމުކުރުމަށް ބިން ހަމަޖެހުނީ ހުޅުމާލެ ސަހަރާ ކައިރިން ކަމަށެވެ. އަދި، މިހާރު ކުރިއަށް ދަނީ އެ ތަން ގާއިމުކުރުމަށް ބޭނުންވާ ކުރެހުންތައް ހެދުމުގެ މަސައްކަތް ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މިހާރު ޕޯސްޓްމޯޓަމްގެ ހަދަނީ ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވައިގެންނެވެ. އެ ކަމަށް ބޮޑު ޚަރަދެއް ސަރުކާރުން ކުރަން ޖެހޭއިރު، ފުލުހުންގެ ތެރޭގައި ވެސް ޕޯސްޓްމޯޓަމް ހެދޭ ފެންވަރުގެ ބޭފުޅުން އެބަތިބިކަން އެނގިފައިވެއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފަށަން ތައްޔާރުވަމުން އަންނަކަން ހާމަކުރެއްވީ، މިދިޔަ ޖުލައި މަހު އަށެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އެ ދުވަހު މިނިސްޓަރު ގީލާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހަދަން ބައި ލައްކައެއްހާ ރުފިޔާ ހޭދަވެއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމް ޔުނިޓް ގާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ޚިދުމަތްތަކާއި ޕޯސްޓްމޯޓަމްގެ ޚިދުމަތް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިވާނެކަން ގީލާ ފާހަގަކުރައްވާފައިވެއެވެ.



