މިދިޔަ ހަފުތާގައި ސްކޭމުގެ 42 މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ 48.89 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 ސްކޭމް މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
މިދިޔަ ހަފުތާގައި ހުށައެޅުނު މައްސަލަތަކުގައި ޖުމްލަ 334,549.00 ރުފިޔާ ގެއްލިފައިވާއިރު، ފުލުހުންގެ މަސައްކަތުން މީގެ ތެރެއިން 163,558.00 ރުފިޔާވަނީ އަނބުރާ ހޯދިފައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކުރިއެވެ.
ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 99 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކަންކަމެވެ. މީގެ ތެރެއިން 95 އިންސައްތަ ހިއްސާކުރަނީ ފޭސްބުކް މާކެޓް ޕްލޭސްއެވެ.
މިދިޔަ ހަފުތާގައި ހުށައެޅުނު މައްސަލަތަކުގެ ތަފްސީލު:
- އީ-ކޮމާސް: 15 މައްސަލަ
- ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 11 މައްސަލަ
- ބޭރުފައިސާ މާރުކުރުން: 8 މައްސަލަ
- އެހެންމީހަކަށް ވެގެން އޮޅުވާލުން: 3 މައްސަލަ
- އެހެނިހެން: 5 މައްސަލަ
ފުލުހުން ބުނީ، އީ-ކޮމާސް ސްކޭމްތައް އިތުރުވަމުންދާތީ އޮންލައިންކޮށް ވިޔަފާރި ކުރާއިރު ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ (ކޭޝް އޮން ޑެލިވަރީ) އުސޫލަށް އިސްކަންދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށާއި، ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްވެސް ވަނީ އެދިފައެވެ.
އެންޓިސްކޭމް ސެންޓަރުން މައުލޫމާތުދިން ގޮތުގައި، ސްކޭމަރުން މިހާރު ދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޑީޕް ފޭކް ކޮންޓެންޓުތައް އުފައްދަމުންނެވެ. އެހެންކަމުން، ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށާއި އޯޓީޕީ ފަދަ ސިއްރު މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް 125އަށް ގުޅައި ރިޕޯޓް ކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



