ބައެއް ފަރާތްތަކުން އަމިއްލަ ސިޔާސީ މަޤުސަދުތައް ހާސިލުކުރުމަށްޓަކައި ރާއްޖޭގެ އިޤްތިސާދު ނުރައްކަލަށް ހުށަހެޅޭފަދަ ދޮގު ވާހަކަތައް ފަތުރަމުންދާތީ، އެފަދަ ކަންކަން ނުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސްކުރެއްވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އިޤްތިސާދީ ހާލަތާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަށް ރައްދުދެއްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހާ ދިމާކޮށް، އެމްޑީޕީން ސިޔާސީ ހަލަބޮލިކަން އުފެއްދުމަށް މަސައްކަތްކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ބާޒާރުގައި ތަކެތި ހުރި އަގާއި އިދިކޮޅުން ބުނާ އަގާ ދެމެދު ބޮޑު ތަފާތެއް ހުރި ކަމަށެވެ.
ތެލުގެ އަގުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ޕެޓްރޯލް ލީޓަރެއް 16.1 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރި ކަމަށެވެ. މިއީ ސަރަޙައްދީ އެހެން ޤައުމުތަކާ އަޅާބަލާއިރު ހެޔޮ އަގުތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއް 40.9 ރުފިޔާގައި ހުރިއިރު، އިންޑިއާގައި އެ އަގު ހުރީ 18.8 ރުފިޔާގައެވެ. އަދި ޑީސަލް ލީޓަރެއް ސިންގަޕޫރުގައި 41.63 ރުފިޔާއަށް ލިބޭއިރު، ދުބާއީގައި އެ އަގު ހުރީ 16.1 ރުފިޔާގައެވެ.
ކާބޯތަކެތީގެ އަގުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުޑަކުދިންނަށް ދޭ ހިކި ކިރުގެ އަގު 575 ރުފިޔާއަށް އަރައިފި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ. ރާއްޖެއަށް އެންމެ ގިނައިން ކިރު އެތެރެކުރާ އެމްއެޗްއޭއިން މިހާރުވެސް 300 ގްރާމްގެ ލެކްޓޯޖެން ދަޅެއް 130 ރުފިޔާއަށް ލިބެން ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފްރޯޒަން ބީފްގެ އަގު 120 ރުފިޔާއަށް ލިބެން ހުރިއިރު، އޮސްޓްރޭލިއާގެ ޕްރީމިއަމް ބީފްގެ އަގު ތަފާތުވާނެ ކަމަށާއި، ބާޒާރުގައި ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް އަތްފޯރާ އަގުގައި ބީފް ލިބެން ހުރި ކަމަށް ވިދާޅުވިއެވެ. އަދި މިފްކޯއިން މިވަގުތުވެސް ފަރުމަސް ކިލޯއެއް 135 ރުފިޔާއަށް ލިބެން ހުރިކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތަކުގެ އިތުރުން، ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށް ފައިސާގެ އަގު ވައްޓާލާފައިވާ ދަނޑިވަޅެއްގައިވެސް، މި ސަރުކާރުން ތަކެތީގެ އަގު ހިފެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޤައުމުގެ އިޤްތިޞާދީ ހަމަޖެހުން ނަގާލައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ވެރިކަން ކުރައްވާފައިވާ ބޭފުޅުން މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ދެއްކެވުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކަށް އިދިކޮޅުން ހުރަސްއަޅަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތާއި، ޓައުންޝިޕް މަޝްރޫޢުތަކާއި، ރެސިޑެންސީ ވިސާ ފަދަ ކަންކަމަށް އިދިކޮޅުން ދެކޮޅު ހަދަމުންދާ ކަމަށެވެ.
”މިބޭފުޅުން މި ވިދާޅުވަނީ ރާއްޖޭގެ އިކޮނޮމީ ރަނގަޅު ކުރަންޖެހޭ. ރާއްޖޭގެ އިކޮނޮމީ ރަނގަޅުކުރަން ދެން ކުރަންވީ ކޮންކަމެއްތޯ ވިދާޅުވާންވީ ނޫންތޯ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ ހަމައެކަނި މަޤްޞަދަކީ ހަޤީޤަތާ ޚިލާފު ސިޔާސީ ވާހަކަތައް ފެތުރުން ކަމަށެވެ.
އަދި ތަފާތު އެކި ދޮގު މަޢުލޫމާތު ފެތުރުމަށްފަހު، މިހާރު ކާބޯތަކެތީގެ އަގުތަކާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި ސިޔާސީ މަންފާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ތުހުމަތު ކުރެއްވިއެވެ.



