ޖުލައި 31 ވަނަ ދުވަހު ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި މި ކޮޅުވެއްޓި ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށް ދިޔައިރު އޭގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. ގެއްލިގެން ހޯދަމުން ދަނީ އޭގެ ތެރެއިން ދެ ބިދޭސީންނެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ، އެމީހުން ގެއްލުނު ދުވަހުން ފެށިގެން ކޯސްޓްގާޑުން ދަނީ އެ ދެމީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ކުރަމުން ކަމަށެވެ.
މިގޮތުން، އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައި ވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
އޭގެއިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައި ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން ވަނީ، އެ ދެ މީހުންނާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފައެވެ. އަދި އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށާއި، ފެކްސް ކުރާނަމަ 3391665 ނަންބަރަށް ފެކްސް ކުރުމަށްވެސް ވަނީ އެދިފައެވެ.




