އައްޑޫސިޓީ ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އަލުން ތަރައްޤީކުރުމަށް ފެށުމުގެ ކުރިން ޚާއްސަ މިތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރެވުނު ކޮންޓްރެކްޓަރުން އައްޑޫ ސިޓީއަށް ގޮސް މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސްފައިކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަޙައްދުތައް ފާހަގަކޮށް، މަޝްރޫޢާ ގުޅޭ މަޢުލޫމާތު ހިމެނޭ ބޯޑުތައް ވެސް މިހާރު އެ ސަރަޙައްދުތަކުގައި ހަރުކޮށްފައިވާކަމަށެވެ.
މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ރާއްޖޭގައި ތަންފީޒުކުރަމުންދަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، ނޭޗަރ ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ގާއިމުކޮށްދިނުމެވެ. މީގެ އިތުރުން، މި ތަންތަނަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.
އައްޑޫ ސިޓީގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިކޯ-ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަޝްރޫޢަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ. މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މީގެ ސަބަބުން އައްޑޫގެ ތިމާވެށީގެ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.



