ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ބަލަމުންދާ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ ”ބިގް ބޮސް“ ގެ 20 ވަނަ ސީޒަން އަންނަ މަހު 6 ގައި ފަށަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.
އިންޑިއާގެ ކަލަރސް ޓީވީން ގެނެސްދޭ މަގްބޫލް މި ޝޯގެ 20 ވަނަ ސީޒަންގެ ޓީޒާ އިއްޔެ ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.
މިފަހަރުގެ ޝޯގެ ހޯސްޓާމެދު މިއަހަރު ގިނަ ބައެއްގެ މެދުގައި ބަހުސްތަކެއް ކުރެވުން ކަމުގައިވިޔަސް، މި ސީޒަން ވެސް ހޯސްޓު ކުރާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ކަން ކަލަރސް އިން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މި ފްރެންޗައިސްއަށް 20 އަހަރު ފުރޭތީ އެކަން ފާހަގަ ކުރުމުގެ ގޮތުން މި ފަހަރުގެ ސީޒަން ގެނެސްދޭނީ މުޅިން އާ ފޯމެޓަކަށްކަން ވެސް ވަނީ ހާމަކޮށްފައެވެ.
ސަލްމާން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ’ބިގް ބޮސް’ގެ ކޮންމެ ސީޒަނަކުން ވެސް އާ ކުޅިވަރުތަކާއި، އާ ގުޅުންތަކާއި އަދި ހީނުކުރާ ފަދަ ބަދަލުތަކެއް ބެލުންތެރިންނަށް ގެނެސްދޭ ކަމަށެވެ. ނަމަވެސް މި ފަހަރުގެ ސީޒަނަކީ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ސިއްރުތަކެއް އެކުލެވިގެންވާ ސީޒަނެއް ކަމަށާއި، ފުރަތަމަ އިޝާރާތް މިހާރު ވެސް އާންމުވެފައިވާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. އަދި ބެލުންތެރިން މި ސިއްރުތަކުގެ ހަގީގަތް ހޯދުމަށް އިންތިޒާރު ކުރާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މި ޓީޒަރ އާންމުވުމާއެކު، ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މި ސީޒަނުގައި ފެންނާނީ ކުރީގެ ސީޒަންތަކުގައި ބައިވެރިވި މީހުންނެވެ.


