ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކޮށްފިއެވެ.
އެ އިންތިހާބު ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އެލްޖީއޭ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
އެލްޖީއޭ އިން ބުނިގޮތުގައި، އެ އިންތިހާބު ފަސްކުރަން ޖެހުނީ އިންތިހާބާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީއެވެ. ނަމަވެސް، އޭގެ އިތުރު ތަފުސީލެއް އާންމުކޮށްފައެއް ނުވެއެވެ.
އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަން ކުރައްވާ މިނިސްޓަރަކާއި ޗީފް އެގްޒެކެޓިވް އޮފިސަރުގެ އިތުރުން އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރަކާއި ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރެއް އަދި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއް ހިމެނޭ ގޮތަށެވެ.



