އަދަށް ވުރެ ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކާއި، އުންމީދީ މުޖުތަމަޢުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކާއި، އީޖާދުކުރުމުގައި ވުނަކުރުންމަތީ ދެމިތިބެ، އިޚުލާސްތެރިކަމާއެކު، އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުންކަމަށާއި، ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއީ، ދައުލަތްތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުވެފައިވާ ދަނޑިވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެއީ ޤައުމީ އިސްތިރާޖީ މުދަލެއްކަމަށާއި އަދި އެއީ ކުރިއެރުމުގެ އިންޖީނުކަމުގައި ވިދާޅުވެފައެވެ.
ސިޑްސް ނުވަތަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ލާސާނީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ސިޑްސްގެ ގިނަ ޤައުމުތަކަކީ، ދަރަނި މެނޭޖުކުރަމުން މުސްތަގުބަލުގައި ވުނަ ކުރާ ޤައުމުތަކެއް ކަމަށާއި، ދުރު ރާސްތާގެ ހަމަޖެހުމަށް ވިސްނައިގެން ތިބެ ކުއްލި ޙާލަތްތަކާ ކުރިމަތިލާ ޤައުމުތަކެއް ކަމަށާއި، އިގުތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމަޢުތައް ހިމާޔަތްކުރަމުންދާ ޤައުމުތަކެއްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި، ބޭރުގެ ފިއްތުންތަކާ އެކުގައިވެސް، ޤައުމުގެ މުސްތަގުބަލަށް ވުނަކުރަމުން، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރަމުންގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




