ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. އުކުޅަހު ކައުންސިލު މެންބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސްގެ މި ބައްދަލުވުމަކީ، ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް މިއަދު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާއެކު އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން، ރަށުގެ ގިނަ ބަޔަކާއި އެ މަހާސިންތާގެ ބައިވެރިން ވަނީ ބަނދަރުން އެ ދެކަނބަލުންނަށް މަރުހަބާ ކިޔައިފައެވެ.
އުކުޅަހު ކައުންސިލާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވަނީ އެރަށުގައި މިވަގުތު ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރަށުގެ ރައްޔިތުންނަށް މިވަގުތު އެންމެ ދަތިވާ ކަންތައްތަކާމެދު މަޝްވަރާ ކުރައްވާފައެވެ.
”ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް“ގެ ނަމުގައި އިއްޔެ ފެށި އެ މަހާސިންތާގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަމުން އަންނަ މިންވަރު ބެލުމަށް ކުދި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުން އޮޑިޓްތައް ކުރުމަށް ގާބިލުކަން އިތުރުކުރުމެވެ.



