ސަރުކާރުން ކުރާ ރަނގަޅު ކަންކަމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދޭން ވާނެ ކަމަށާއި ގައުމު އިސްކުރުމަކީ އެއީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
އއ. އުކުޅަކަށް އިއްޔެ ފެއްޓެވި ރަސްމީ ދަތުރުފުޅުތަކާ ވަކިން އެ ރަށުގައި ބޭއްވި ޕީއެންސީގެ ފޯރިގަދަ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ، އެ މަނިިކުފާނަށް އެންމެ މުހިންމީ އަމިއްލަ އެޖެންޑާ ނޫން ކަމަށާއި އޭގެ ބަދަލުގައި އިސްކަން ދެއްވަނީ ގައުމަށް ކަމަށެވެ.
އެކަމަކު ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަނީ އެ މަންޒަރު ނޫން ކަމަށެވެ.
”އަޅުގަނޑުމެންގެ ގައުމުގައި މިހާރު އޮތް ސިޔާސީ މާހައުލަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިދެންނެވި ގޮތަށް ކަންތައްތައް ކުރާ ތަނެއް ނޫން އެހެން ފަރާތްތަކުން. ގައުމު އިސްނުކުރޭ. ގައުމު އިސްކުރާ ތަނެއް ނުފެނޭ. ގައުމަށް ރަނގަޅު ކަންތައްތަކެއް މި ސަރުކާރުން ކުރާ ކަމަށް ވަންޏާ ރައްޔިތުންނަށް ރަނގަޅު ކަންތައްތަކެއް ފޯރުކޮށްދޭ ކަމަށް ވަންޏާ އެ ކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ސިޔާސީ ފަރާތްތަކުން ޖެހޭނެ އެއްބާރުލުން ދޭން. އެއީ ގައުމު އިސްކުރާ ނަމަ އެކަން ކުރަންޖެހޭނެ ގޮތަކީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެއާ ހިލާފަށް ރަނގަޅަށް ޑިމޮކްރެސީ ހިންގާ ގައުމުތަކުގައި އެ ގައުމަށް ފައިދާ ހުރި ކަންތައްތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ކިޔަނީ އެކައްޗެއް ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންކަމަށް އެ ގައުމުތަކުގައި ފާޑުކިޔާއިރު ބުނަނީ އެ އަށް ވުރެ ރަނގަޅަށް އެ ފަރާތުން އެ ކަމެއް ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.





2 Comments
އިދިކޮޅުން ކުރާ ރަނގަޅު ކަންތައްތަކާއި، އިދިކޮޅު ކައުންސިލުން ކުރާ ރަނގަޅު ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭން ނުޖެހޭތޯ؟ ގަރުނުގެ ބޮޑު ޖޯކަށް މިކަންވުމުގެ ކުރިން ރަނގަޅު ކޮށްލާ!
ކުރީސަރުކަރުން ރަގަޅު އެއްކަމެއް ވެސް ނުކުރަނީތޯ ؟ކުރީސަރުކާރު ކުރީސަރުކާރު ކިޔާގެން ކަރުން ނާރު ނަގާފަ ތިހަޅޭއް ލަވަނީ މިހާރު ވަރަށް ބޮޑަށް އޮޅިއްޖެ ކަލޭމެން ކުރާކޮންމެ ކަމަކަށް ސަނާކިޔަން ވީތޯ؟