ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭގައި ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ ޔާމީން ފަސް އަހަރުގެ ދައުރު 2018 ގައި ހަމަވެ، އެމްޑީޕީއާ ވެރިކަން ހަވާލުވިއިރު ދައުލަތުގެ މާލިއްޔަތުގައި އެއް ބިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
އެއީ ހަމައެކަނި ރައީސް ޔާމީންގެ މަސައްކަތްޕުޅު ނޫންކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ އެއީ މިހާރު ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ބުރަ މަސައްކަތް ކަމަށެވެ. ހާއްސަކޮށް ރައީސް މުއިއްޒުގެ މަސައްކަތްފުޅު ކަމަށް އެ މަނިކުފާނަށް ތައުރީފު ކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.
”އޭރު ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހަވާލު ކޮށްފައި އޮތީ ހައުސިން މިނިސްޓްރީއަށް، މުޅި ސިސްޓަމް ހިންގީ އެ މިނިސްޓްރީގެ ތެރެއިން“ ޝުޖާއު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީއަކީ އޭރު 24 ގަޑިއިރު މަސައްކަތް ކުރަމުން ދިޔަ ތަނެއް ކަމަށައި އެކަން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރައީސް މުޢިއްޒަކީ އޭރު ވެސް 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ހުންނެވި ބޭފުޅެއްކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
”ރައީސް ޔާމީން އޭރަކު ފޯނެއް ނުނަންގަވާނެ. ނުގުޅޭނެ. ވިދާޅުވާނީ ދާށޭ މުއިއްޒު އަރިހަށް. މުޅި ދައުލަތުގެ ސިސްޓަމް އޮޕަރޭޓު ވެގެން ދިޔައީ ހައުސިން މިނިސްޓްރީ ތެރެއިން. މިއީ ދޮގު ވާހަކައެއް ނޫން. ކޮންމެ ކަމެއްގައި، ރޭގަނޑު ގުޅުއްވިޔަސް ރައީސް މުއިއްޒަށް އޭރު ގުޅުއްވަން ޖެހޭނީ“ ޝުޖާއު އިތުރަށް ވިދާޅުވިއެވެ.




