ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ތިމާވެއްޓާއި ރަށްޓެހި ހަކަތައަށް ބަދަލުވުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މަގޭ ސޯލާ ނެޓް މީޓަރިންގެ ޚިދުމަތް 2025 ވަނަ އަހަރުގެ ތެރޭގައި 11 އަތޮޅެއްގެ ގޭބީސީތަކަށް ފޯރުކޮށްދީފައިވާކަން ހާމަވެއްޖެއެވެ.
މީގެ ތެރޭގައި ހއ، ހދ، ށ، ނ، ރ، ބ، ތ، ލ، ގއ، ގދ އަދި ޏ އަތޮޅުގެ ރަށްތައް ހިމެނެއެވެ.
މީގެ ތެރެއިންވެސް އެންމެ ގިނައިން ސޯލާ މީޓަރިންގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ ނ. އަތޮޅުގެ ރަށްތަކުގެ ގޭބީސީތަކަށް ކަމަށް ފެނަކައިން ބުނެފައިވެއެވެ. މިގޮތުން ނ. އަތޮޅުގެ 40 ގޭބީސީއަކަށް އެ ކުންފުނިން ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ.
ދެވަނައަށް އެންމެ ގިނައިން މިޚިދުމަތް ފޯރުކޮށްދީފައިވަނީ ލ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ލ. އަތޮޅުގެ 37 ގޭބީސީއަކަށް މި ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށްވެސް ނެޓް މީޓަރިންގެ ޚިދުމަތް ފެނަކައިން ވަނީ ފޯރުކޮށްދީފައެވެ. މިގޮތުން ފެނަކައިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އައިސްފައިވާ ހުރިހާ އަތޮޅަކަށް 2025 ވަނަ އަހަރުގެ ތެރޭގައި ވާނީ މިޚިދުމަތް ފޯރުކޮށްދީފައެވެ.
ނެޓް މީޓަރިން އަކީ އާންމު ފަރާތްތަކުން ނުވަތަ ވިޔަފާރިތަކުން އިއާދަކުރަނިވި ހަކަތަ (މިސާލަކަށް އިރުގެ އަލިން ކަރަންޓު އުފައްދާ ސޯލާ ޕެނަލް) ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ ތެރެއިން، އަމިއްލަ ބޭނުމަށްވުރެ އިތުރުވާ ބައި އާންމު ކަރަންޓު ގްރިޑަށް ފޮނުވައިދޭ ނިޒާމެކެވެ.
މި ނިޒާމު މަސައްކަތްކުރާ ގޮތުގެ މުހިންމު ބައިތަކަކީ އިތުރުވާ ކަރަންޓު ގްރިޑަށް ފޮނުވުމެވެ. މިއީ ގޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު، ބޭނުންކޮށްފައި ބާކީވާނަމަ އެ ކަރަންޓު ކަރަންޓު ކުންފުނީގެ (މިސާލަކަށް ސްޓެލްކޯ ނުވަތަ ފެނަކަ) މައި ގްރިޑަށް ފޮނުވާލެވެއެވެ. ގްރިޑަށް ފޮނުވާ ކަރަންޓު ޔުނިޓްތައް، ކުންފުނީގެ ފަރާތުން ބޭނުންކުރާ ކަރަންޓު ބިލުން އުނިކޮށްލެވޭނެއެވެ. މީގެ މާނައަކީ އަމިއްލައަށް ދައްކަންޖެހޭނީ އެބަޔަކު ބޭނުންކުރި ޖުމްލަ ކަރަންޓުން، އުފެއްދި ކަރަންޓު އުނިކުރުމުން ބާކީ އޮންނަ މިންވަރަށެވެ. މީގެ އިތުރުން މި ނިޒާމުގެ ސަބަބުން ކަރަންޓު ބިލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
ދިވެހިރާއްޖޭގައި ނެޓް މީޓަރިންއާ ބެހޭ ގަވާއިދެއް އެކުލަވާލާފައިވާއިރު، މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސޯލާ ޕެނަލް ހަރުކޮށްގެން މި ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށާއި ވިޔަފާރިތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.




