ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ޖުލައި މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ 2026ވަނަ އަހަރުގެ މެއި މަހު ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނާއި އެހެނިހެން ފައިނޭންސް ކުރިއަރާފައިވާ މިންވަރު 14 އިންސައްތައިގައި ހުރުމަށްފަހު، މި އަހަރުގެ ޖޫން މަސް ނިމުނުއިރު އެ އަދަދު ވަނީ 15 އިންސައްތައަށް އިތުރުވެފައެވެ.
އެގޮތުން އިޤްތިޞާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ އިމާރާތްކުރުމާއި، އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ދޫކޮށްފައިވާ ކްރެޑިޓް 2026 ޖޫން މަހުވެސް ވަނީ އިތުރުވެފައެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށެވެ. އެ ދާއިރާއަށް ވަނީ އަހަރީ ގޮތުން 48 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.
ބޭންކުތަކުން ދޫކުރާ ކްރެޑިޓްގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައިކަމަށް މި ރިޕޯޓުން ދައްކައެވެ. އެއީ ޖުމްލަ ކްރެޑިޓްގެ 32 އިންސައްތައެވެ.
އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ކްރެޑިޓް އަހަރީ ގޮތުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެހެނިހެން އިމާރާތްކުރުމުގެ ގިންތިތަކަށް ދޫކުރި ފައިސާ އިތުރުވުމެވެ. މީގެ އިތުރުން ދިރިއުޅޭނެ ގެދޮރު ނުވަތަ ހައުސިންގް މަޝްރޫއުތަކަށް ދޫކުރި ލޯނުތައް ވެސް މި ކުރިއެރުމުގައި ހިމެނެއެވެ.




