”މަދިރިން ރައްކާ“ ކެމްޕޭނުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ”އަމާން އުދަރެސް“ ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީ، އާއި ފުލުހުންގެ ޚިދުމަތް، ވެމްކޯ އަދި މޯޕާ ގުޅިގެން ބާއްވައިފިއެވެ.
މި ކެމްޕޭނުގެ ދަށުން ހިންގާ ސާފުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެ ކުންފުނިން ފެށި މުހިންމު ހަރަކާތެއް ކަމަށެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަސައްކަތާ ގުޅޭގޮތުން ޒުހައިރު ވިދާޅުވީ، ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް މި ކެމްޕެއިނުގެ ދަށުން ކުރިއަށްދާނެ ކަމަށެވެ.
ޚާއްސަކޮށް، ހުޅުމާލެއަކީ ކުނިބުނިން ސަލާމަތްވެފައިވާ ސާފުތާހިރު ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން ހުޅުމާލޭގައި ކުނި ގިނަވުމުގެ ސަބަބުން އާންމުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުނި ނެގުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެކަމަށްވެސް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެން ބޭނުންވަނީ މަގޭ ހުޅުމާލެ، މިޝިއާރުގެ ދަށުން އެއީ މަގޭވެސް ހުޅުމާލެއޭ ސާފުތާހިރު ރަނގަޅު މާހައުލެއްގައި ދިރިއުޅޭ ބަޔަކަށް ހެދި އަޅުގަނޑުމެންގެ ދަރިންނަކީވެސް އެންމެ ރަނގަޅު ގޮތުގައި ބޮޑުވެގެންދާ މާހައުލަކަށް ހުޅުމާލެ ބަދަލުކުރުން“ ޒުހައިރު ވިދާޅުވިއެވެ.
މިމަސައްކަތާ ގުޅޭގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާޤް ވިދާޅުވީ، އެޗްޑީސީން ކުރިއަށްގެންދާ ”މަދިރިން ރައްކާ“ ޕްރޮގްރާމްގެ ދަށުން ”އަމާން އުދަރެސް“ ސަރަހައްދުގައި ޖަމާވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މިއީ އެ ސަރަހައްދަކީ ސާފުތާހިރު، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. ރައްޒާޤް ވިދާޅުވީ، މި ސަރަހައްދު ސާފުކޮށް ނިމުމާއެކު އެތަން އިތުރަށް ފެހިކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުން، ސަރަހައްދު ސާފުކުރުމަށްފަހު އެތަނަށް ކުނި އަޅާ ފަރާތްތައް ދެނެގަނެ، އެފަދަ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



