ކުންފުނިތަކާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަޤްސަދުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީއާއެކު ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން ”ބީއެމްއެލް ވީރަން – ކޯޕަރޭޓްސް“ މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ނިންމާލައިފިއެވެ.
މި ހަރަކާތަކީ ބީއެމްއެލްއާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ.
ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ފުރަތަމަ ބޭއްވި މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އިދާރާތަކާއި، ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް، ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ ފޯމެޓަކަށް ކުރިއަށްގެންދިޔަ ރޭހެކެވެ.
މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ރިލޭގެ ބެޓަންގެ އެތެރޭގައި ޗިޕެއް ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްވެސްމެއެވެ.
މި ދުވުމުގައި 18 ޓީމަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ހިމެނެއެވެ.
ފިރިހެނުންގެ ބައިން ވަނަވަނައަށް ދިޔަ ޓީމުތައް:
* ޗެމްޕިއަން: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
* 1 ވަނަ ރަނަރއަޕް: ރަންއިންމޯޑް އެތުލެޓިކްސް
* 2 ވަނަ ރަނަރއަޕް: ބޭންކް އޮފް މޯލްޑިވްސް
އަންހެނުންގެ ބައިން ވަނަވަނައަށް ދިޔަ ޓީމުތައް:
* ޗެމްޕިއަން: ރަންއިންމޯޑް އެތުލެޓިކްސް
* 1 ވަނަ ރަނަރއަޕް: ކްރޮސްރޯޑްސް އައިލެންޑް ސުޕްރިންޓާސް
* 2 ވަނަ ރަނަރއަޕް: އޭޑީކޭ ސިނަރޖީ



