ފެނަކަ ރެކްރިއޭޝަން ކްލަބާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ފެނަކަ ހެޑް އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ”އަރުތަ“ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ބްރާސްފަތި އަދި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ފުރަތަމަ ބައި ނުވަތަ އިންޑޯ ސެޝަން ބާއްވާފައިވަނީ ބްރާސްފަތި ދުވަހުއެވެ. މި ސެޝަންގައި ”ޓައިމް މެނޭޖްމަންޓް އެންޑް ޕްރޮޑަކްޓިވިޓީ“ އާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ ޑިރެކްޓަރ ޑިވެލޮޕްމަންޓް އެންޑް ރިސާރޗް އާއިޝަތު ނީލަމް ރަޝީދެވެ.
ޕްރޮގްރާމުގެ ދެވަނަ ބައި ކުރިއަށްގެންދިޔައީ ހޮނިހިރު ދުވަހު ކުޑަގިރީގައެވެ. މި ބައިގައި މައިގަނޑު ގޮތެއްގައި ކުރިއަށްގެންގޮސްފައިވަނީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްވި ”ޓީމް ބިލްޑިންގ“ ހަރަކާތްތަކެވެ.

ފެނަކަ ހެޑް އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލަށް ބޭނުންތެރި، ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ މުހިންމު ތަމްރީނެއްކަން ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.



