މިނިވަންކަމުގެ އަގު އަޅުގަނޑުމެން ދިވެހީން ވަޒަން ކުރަނީ އެންމެހާ އަސާސްތައް ދަމަހައްޓަމުން ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މި ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް އެމްއޭސީއެލްގެ ހީވާގި މުވައްޒަފުންނަށް ޝަރީފު ފޮނުއްވާފައިވެއެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ، މިނިވަންކަމުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަނީ މިނިވަންކަމުގެ އަސާސްތައް ދަމަހައްޓަމުން، ދިވެހީންގެ މިނިވަންކަމުގެ ދޮރޯށި ވަރުބަލިކަމެއް ނެތި، ހުށިޔާރުކަމާއެކީ ބެލެހެއްޓުމުގެ އަޒުމާއެކު ކަމަށެވެ.
މީގެއިތުރުން، މާތް ﷲ ގެ މިންވަރުފުޅާއެކު އެމްއޭސީއެލް އަބަދުވެސް ދެމި އޮންނާނީ އިޚްލާސްތެރިކަމާއެކު މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ވެސް އެ ކުންފުނީގެ އެމްޑީ ޝަރީފު ވިދާޅުވިއެވެ.



