މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން މަސައްކަތްތަށް ވަރަށް ބޮޑުތަން އަވަސްވެގެން ދާނެ ކަމުގައި އެމްޕީއެލްގެ ކުރީގެ ޖެނެރަލް މެނޭޖަރ އަދި އޭޖެންސީ ސަރވިސްގެ ޑައިރެކްޓަރ އަލީ އަހުމަދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލްއަށް ދެއްވި ކުރު އިންޓަވިއުއެއްގައި އަލީ އަހުމަދު ވިދާޅުވީ މިއީ ވަރަށް ރަނގަޅު ޕްލޭނެއް ކަމަށާއި މިއީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ހެދިފައިވާ ޕްލޭނެއް ކަމަށެވެ.
”އެހެންވީމަ އަޅުގަނޑަށް ހީވަނީ މިކަމުގެ ސަބަބުން މިހާރަށްވުރެ އެފިޝެންޓްވެފައި މަސައްކަތްތައް ވަރަށް ބޮޑުތަނުން އަވަސް ވެގެންދާނެހެން“ އަލީ އަހުމަދު ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅިގެން އެމް.ޕީ.އެލް އިން މިހާތަނަށް ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާއި ވެސް ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެެކެވެ. ތިލަފުށީ ބަނދަރު ތަރައްގީކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހިމެނޭ ބަނދަރެއް ގޮތަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ ”ސްޓޭޓް އޮފް ދި އާޓް“ މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.



