މެދުއިތުމަތީގެ ހަނގުރާމައާ ގުޅިގެން، ތެޔޮ ބިލު 300 މިލިޔަން ޑޮލަރަށް އެރިއިރުވެސް ސަރުކާރުން ވަނީ އެއްވެސް ދަތިކަމެއް ނެތި އަސާސީ މުދާ ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކޮށްފައި ކަމުގައި ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”އިޤްތިޞާދުގެ ދެފަރާތް“ ޝޯގެ ރޭގައި ދެއްކި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވެ. މި ޕްރޮގްރާމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓީއޯގެ އެމްޑީ ވިދާޅުވީ ހަނގުރާމަ ފެށުނުއިރު ތެލުގެ އަގުތައްހުރި ނިސްބަތާ ބަލާއިރު މެއި/ޖޫން ހިސާބުގައި ތެލުގެ އަގު ތިން ގުނައަށް އިތުރުވެގެން ދިޔަ ކަމަށެވެ.
”އަޅުގަނޑުމެން ކުރިން ފިއުލް ބިލަށް މަހަކު 100 މިލިއަން ޑޮލަރު ދައްކާކަމަށްވަންޏާމު، އެދުވަސްވަރު ބިލު އަރައިގެންދިޔަ 300 މިލިއަން ޑޮލަރަށް ވެސް“ ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯގެ އެމްޑީ ވިދާޅުވީ އެދަނޑިވަޅުގައި ވެސް ދައުލަތަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ.


